އިންޑިއާގެ ގްވަހަތީގައި މިހާރުކުރިއަށްދާ 12 ވަނަ ސައުތު އޭޝިއަން ގޭމްސްގައި އަންހެނުންގެ 400 މީޓަރ ފްރީސްޓައިލް އިވެންޓްގެ ޤައުމީ ރެކޯރޑް އައިމިނަތު ސަޖަން އާކޮށްފިއެވެ. މިއިވެންޓްގެ ޤައުމީ ރެކޯރޑް ސަޖަން އާކޮށްފައިވަނީ 05:15.45 އިން ރޭސް ފުރިހަމަކޮށްގެންނެވެ.
މި އިވެންޓްގެ ޤައުމީ ރެކޯރޑް އެންމެފަހުން އާކޮށްފައިވަނީ ވެސް ސަޖަންއެވެ. އެއީ 2015 ވަނަ އަހަރު ތައިލެންޑްގެ ބެންކޮކް ގައި ބޭއްވި 8 ވަނަ އޭޝިއަން އޭޖް ގްރޫޕް ޗެމްޕިއަންޝިޕްސްގައި 400 މީޓަރ ފްރީސްޓައިލް އިވެންޓް 05:19.49 އިން ފުރިހަމަކޮށްގެންނެވެ.
12 ވަނަ ސައުތު އޭޝިއަން ގޭމްސް 2016 ގައި ދިވެހިރާއްޖެއަށް އެންމެ ފުރަތަމަ މެޑަލް ހޯދައިދީފައި ވަނީވެސް ސަޖަންއެވެ. ސަޖަން ބްރޯންޒް މެޑަލް ހޯދައިފައިވަނީ އަންހެނުންގެ 800 މީޓަރ ފްރީސްޓައިލް އިވެންޓް 10:41.41 އިން ނިންމައިގެންނެވެ.
މިއީ މިމުބާރާތުގައި ރާއްޖޭގެ ފެތުންތެރިން އާކުރި 7 ވަނަ ޤައުމީ ރެކޯރޑެވެ.