އިންޑިއާގެ ގްވަހަތީގައި މިހާރުކުރިއަށްދާ 12 ވަނަ ސައުތު އޭޝިއަން ގޭމްސްގައި އަންހެނުންގެ 100 މީޓަރ ފްރީސްޓައިލް އިވެންޓްގެ ޤައުމީ ރެކޯރޑް އައިމިނަތު ސަޖަން އާކޮށްފިއެވެ. މިއިވެންޓްގެ ޤައުމީ ރެކޯރޑް ސަޖަން އާކޮށްފައިވަނީ 01:06.28 އިން ރޭސް ފުރިހަމަކޮށްގެންނެވެ.
މި އިވެންޓްގެ ޤައުމީ ރެކޯރޑް އެންމެފަހުން އާކޮށްފައިވަނީ ވެސް ސަޖަންއެވެ. އެއީ 2014 ވަނަ އަހަރު ސްކޮޓްލަންޑް (ޔުނައިޓެޑް ކިންގޑޮމް) ގެ ގްލާސްގޯގައި ބޭއްވި 20 ވަނަ ކޮމަންވެލްތު ގޭމްސްގައި 100 މީޓަރ ފްރީސްޓައިލް އިވެންޓް 01:06.60 އިން ފުރިހަމަކޮށްގެންނެވެ.
މިމުބާރާތުގައި ސަޖަން ވަނީ މިހާތަނަށް އިންޑިވިޑުއަލް 4 އިވެންޓެއްގެ ޤައުމީ ރެކޯރޑު އާކޮށް، ޓީމް އިވެންޓްގެ 2 ޤައުމީ ރެކޯރޑެއް އާކުރި ދިވެހިރާއްޖޭގެ އަންހެން ޓީމުގައި ހިމެނިފައެވެ.
މިއީ މިމުބާރާތުގައި ރާއްޖޭގެ ފެތުންތެރިން އާކުރި 11 ވަނަ ޤައުމީ ރެކޯރޑެވެ.