News & Announcements

ޤައުމީ ދިގުފެތުމުގެ ޓްރެކް ކ. ދިއްފުށީގައި ހުޅުވައިފި

k.dhiffushi

ދިވެހިރާއްޖޭގެ ފުރަތަމަ އޯޕަންވޯޓަރ ސްވިމިންގ ޓްރެކް ކ. ދިއްފުށީގައި ހުޅުވައިފިއެވެ. މިނިސްޓަރ އޮފް ޔޫތު، ސްޕޯރޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް، އަޙްމަދު މަޙުލޫފް ހުޅުއްވައިދެއްވި މި ޓްރެކަކީ، އޯޕަން ވޯޓަރ ސްވިމިންގ އަށް ޚާއްސަކޮށްގެން ދިވެހިރާއްޖޭގައި ޤާއިމް ކުރެވުނު ފުރަތަމަ ޓްރެކެވެ. ޤައުމީ ދިގުފެތުމުގެ ޓްރެކްގެ ނަމުގައި ހުޅުވި މި ޓްރެކަކީ، ޤައުމީ ފެންވަރުގެ ދިގުފެތުމުގެ މުބާރާތްތަކާއި، ރިކްރިއޭޝަނަލް ޚަރަކާތްތައް ބޭއްވުމަށް ހުޅުވުނު ޓްރެކެކެވެ.

މި ރަސްމިއްޔާތުގައި މިނިސްޓަރ މަޙުލޫފު ދެއްކެވި ވާހަކަފުޅުގައި، އެކި ފެންވަރުގެ ދިގުފެތުމުގެ މުބާރާތްތައް ދިވެހިރާއްޖޭގައި ބޭއްވުމަށް މަސައްކަތް ކޮށްދެއްވާނެކަމަށް ވަނީ ވިދާޅުވެފައެވެ. އަދި، ޓްރެކްގެ ސަބަބުން ރަށަށާއި، ދިވެހި ކުޅިވަރަށް ލިބިގެންދާނެ އެކި އެކި ފައިދާގެ މައްޗަށް ވަނީ އަލިއަޅުއްވައިލައްވާފައެވެ.

މުސްތަޤުބަލުގައި މި ޓްރެކްގައި ބައިނަލްއަޤްވާމީ ދިގުފެތުމުގެ އިވެންޓްތައް ބޭއްވޭ ފެންވަރަށް ތަރައްޤީކޮށް، ދިވެހިރާއްޖޭގައި އެފަދަ މުބާރާތްތައް ބޭއްވުމަށް މަގުފަހިކުރުމަށް ކުރެވެން ހުރި ކަންކަން ސްވިމިންގ އެސޯސިއޭޝަނާއި، މިނިސްޓްރީ އޮފް ޔޫތު، ސްޕޯރޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް އާއި، ދިއްފުށީގެ ކައުންސިލްގެ އިތުރުން ދިއްފުށީގެ ރައްޔިތުންނާއި، މަދަނީ އަދި ކުޅިވަރު ޖަމްޢިއްޔާތަކުގެ އެއްބާރުލުމާއި އެހީތެރިކަމާއިއެކު ކުރިއަށް ގެންދިޔުމަށްވަނީ ހަމަޖެހިފައެވެ.

މި ޓްރެކަކީ ބައިނަލްއަޤްވާމީ ފެތުމުގެ ކުޅިވަރުތަކާއި ބެހޭ ޖަމްޢިއްޔާ، ފީނާގެ ޕްރޮގްރާމެއް ކަމުގައިވާ ‘ފީނާ އޮލިމްޕިކް އެކުއަޓިކްސް ސްޕޯރޓް ޕްރޮގްރާމްގެ’ މާލީ އެހީތެރިކަމާއިއެކު ކުރިއަށް ގެންދެވުނު ޕްރޮޖެކްޓެކެވެ.


our sponsors and partners

ޤައުމީ ދިގުފެތުމުގެ ޓްރެކް ކ. ދިއްފުށީގައި ހުޅުވައިފި