2015 ވަނަ އަހަރު ސްރީލަންކާގެ ނެޝަނަލް އޮލިމްޕިކް އެކަޑަމީ އިން އިންތިޒާމް ކޮށްގެން ބަންޑާރަވެލާގައި ބޭއްވުމަށް ހަމަޖެހިފައިވާ 14 ވަނަ ނެޝަނަލް އޮލިމްޕިކް އެކަޑަމީ ސެޝަން 2015 ގައި ބައިވެރިވުމަށް ދިވެހިރާއްޖެއިން ފޮނުވާ 03 އަންހެން އަދި 03 ފިރިހެން ބައިވެރިންނަށް ނަންހުށަހުށަހެޅުމުގެ ފުރުޞަތު މޯލްޑިވްސް އޮލިމްޕިކް ކޮމިޓީއިން ވަނީ އެކޮމިޓީގައި އެފިލިއޭޓް ވެފައިވާ ކުޅިވަރު އެސޯސިއޭޝަންތަކަށް ހުޅުވާލާފައެވެ. ކޮންމެ އެސޯސިއޭޝަނަކަށްވެސް 03 އަންހެން އަދި 03 ފިރިހެން ބޭފުޅުންގެ ނަން ހުށަހެޅުމުގެ ފުރުޞަތު މޯލްޑިވްސް އޮލިމްޕިކް ކޮމިޓީއިން ވަނީ ދީފައެވެ.
މިސެޝަނުގައި ބައިވެރިވާ 03 އަންހެން އަދި 03 ފިރިހެން ބޭފުޅުން ހޮވާނީ ކުޅިވަރު އެސޯސިއޭޝަންތަކުންނާއި މޯލްޑިވްސް އޮލިމްޕިކް ކޮމިޓީއިން ހުށަހަޅާ ނަންތަކުގެތެރެއިން އެބޭފުޅެއްގެ ވަނަވަރާއި އިންޓަވިއުއަށް ބެލުމަށްފަހު މޯލްޑިވްސް އޮލިމްޕިކް ކޮމިޓީއިންނެވެ.
ވީމާ، މިސެޝަނުގައި ބައިވެރިވާން ޝައުޤުވެރިވާ ފަރާތްތަކުން 18 އޮގަސްޓް 2015 ވާ އަންގާރަ ދުވަހުގެ 15:00 ގެ ކުރިން މިކަމަށް އެދި މިއެސޯސިއޭޝަނަށް ސިޓީ އާއި ސިޓީއާއިއެކު ހުށަހަޅަންޖެހޭ ލިޔުންތައް ހުށަހެޅުމަށް ދަންނަވަމެވެ.
ސެޝަނުގެ މަޢުލޫމާތު:
ސެޝަނުގެ ނަން: 14 ވަނަ ނެޝަނަލް އޮލިމްޕިކް އެކަޑަމީ ސެޝަން 2015 (ސްރީލަންކާ)
ބޭއްވޭ ތަން: ބަންޑާރަވެލަ (ސްރީލަންކާ)
ބޭއްވޭޭ ތާރީޚް: 16 ން 21 އޮކްޓޯބަރ 2015
ނަންހުށެހެޅުމަށް މިއެސޯސިއޭޝަނަށް ލިބިފައިވާ ފުރުޞަތުގެ ޢަދަދު: 03 އަންހެން އަދި 03 ފިރިހެން ބޭފުޅުން
މިސެޝަނުގައި ބައިވެރިވުމަށް އެދޭފަރާތްތަކުން ހުށަހަޅަންޖެހޭ ލިޔުންތައް:
- މިސެޝަނުގައި ބައިވެރުވުމަށް އެދި ހުށަހަޅާ ސިޓީ.
- އެބޭފުޅެއްގެ ވަނަވަރު.
- ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ.
- ޕާސްޕޯރޓް ކޮޕީ (31 މެއި 2016 ގެ ނިޔަލަށް މުއްދަތުހަމަނުވާ).
މި ސެޝަނުގައި ބައިވެރިވުމަށް މިއެސޯސިއޭޝަނަށް ހުށަހަޅާ ނަންތަކުގައި އަންނަނިވި ޝަރުތުތައް ފުރިހަމަވާންވާނެއެވެ.
- 20 އަހަރާއި 25 އަހަރާއި ދެމެދުގެ އުމުރުގެ ބޭފުޅެއްކަމުގައިވުން. (2015 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 01 ވަނަ ދުވަހަށް 20 އަހަރު ފުރިފައިވާ އަދި 2015 ވަނައަހަރުގެ ޖެނުއަރީ މަހުގެ 01 ވަނަ ދުވަހަށް 26 އަހަރު ފުރިފައިނުވާ ފަރާތްތައް)
- މިއެސޯސިއޭޝަނުގެ މެންބަރެއް ކަމުގައިވުން ނުވަތަ މިއެސޯސިއޭޝަނުގެ ވަގުތީ ނުވަތަ ދާއިމީ ވަޒީފާއެއްގައި ހުރި ބޭފުޅެއްކަމުގައިވުން.
- ޖީ.ސީ.އީ އޯލެވެލް (ނުވަތަ އެފެންވަރުގެ ނުވަތަ އެއަށްވުރެން މަތީފެންވަރެއްގެ އިމްތިހާނަކުން) އިނގިރޭސި، މިމާއްދާއިން ދަށްވެގެން ސީ ފާސް ލިބިފައިވުން.
- އިންޓަނޭޝަނަލް އޮލިމްޕިކް އެކަޑަމީގެ ޔަންގ ޕާރޓިސިޕަންޓްސް ސެޝަންގައި ބައިވެރިވެފައިވާ ފަރާތެއްކަމުގައިނުވުން.
- ދިވެހި ރައްޔިތެއް ކަމުގައިވުން.
މިއެސޯސިއޭޝަނުން ފޮނުވާ ނަންތައް ފޮނުވުމުގައި އަންނަނިވި ފަރާތްތަކަށް އިސްކަންދެވޭނެއެވެ.
- ބައިނަލްއަޤްވާމީ މުބާރާތްތަކުގައި ދިވެހިރާއްޖެ ތަމްޞީލްކޮށްފައިވާ ފަރާތްތައް.
- މީގެކުރިން މި ސެޝަނުގައި ނުވަތަ މިފަދަ ސެޝަނެއްގައި ބައިވެރި ނުވާފަރާތްތައް.
- ސްވިމިންގ އެސޯސިއޭޝަނުގެ ޚަރަކާތްތަކުގައި އެކްޓިވްކޮށް ޚަރަކާތްތެރިވާ ފަރާތްތައް.
- ސްވިމިންގ އެސޯސިއޭޝަނުގައި ވަޒީފާ އަދާކުރަމުންދާ ފަރާތްތައް.
- އިނގިރޭސިބަހުން ރަނގަޅަށް ވާހަކަދައްކަން އިނގޭ ފަރާތްތައް.
15 އޮގަސްޓް 2015