އިންޑިއާގެ ކަރްނާޓަކާ ސްވިމިންގ އެސޯސިއޭޝަނުގެ ފަރާތުން އިންތިޒާމް ކޮށްގެން ބެންގަލޫރުގައި ބާއްވާ އެމެރިކަން ސްވިމިންގ ކޯޗަސް އެސޯސިއޭޝަން (އޭ.އެސް.ސީ.އޭ) ގެ ލެވަލް 1، 2 އަދި 3 ގެ ކޯސް ފުރިހަމަ ކުރުމަށް ރާއްޖޭގެ ފެތުމުގެ ދާއިރާގައި ޙަރަކާތްތެރިވާ 5 ކޯޗަކު އިންޑިއާގެ ބެންގަލޫރަށް މިއަދު ފުރައިފިއެވެ.
ރާއްޖެއިން މި ކޯހުގައި ބައިވެރިވި ކޯޗުން:
- އިސްމާޢިލް ފަރުޙާނު (ދިވެހިރާއްޖޭގެ ޤައުމީ ހެޑްކޯޗު)
- އިބްރާޙީމް މޫސާ (ދިވެހިރާއްޖޭގެ ޤައުމީ އެސިސްޓަންޓް ކޯޗު)
- މައިޔަމް ނަފްޙާ ޢަލީ (ސްވިމަރސް ޑިވެލޮޕްމަންޓް ޕްރޮގްރާމްގެ ކޯޗު)
- އަޙްމަދު ޒުނައިޖު (ސްވިމަރސް ޑިވެލޮޕްމަންޓް ޕްރޮގްރާމްގެ ކޯޗު)
- އަޙްމަދު ފިރާސް ޢަފީފް (މޯލްޑިވްސް ލައިފްގާރޑް އެސޯސިއޭޝަންގެ ކޯޗު)
ރާއްޖޭގެ ކޯޗުންނަށް މިދާއިރާއިން ތަމްރީނު ހޯދަން ލިބުނު މި ފުރުޞަތުގައި އިންޑިޔާގެ ބެންގަލޫރުގައި ފެތުމުގެ ކޯޗިން 3 ފެންވަރެއްގެ ކޯސް ފުރިހަމަކޮށް ސެޓްފިކެޓް ލިބިގެންދާނެއެވެ. މީގެ އިތުރުން މަތީ ފެންވަރުގެ ފެތުންތެރިންގެ ތަމްރީނުތައް ގެންދިއުމުގެ މަޢުލޫމާތާއި ހުނަރު ހޯދުމުގެ އިތުރު ފުރުޞަތު މި ކޯޗުންނަށް ލިބިގެންދާނެއެވެ.
މި ތަމްރީނު ޕްރޮގްރާމަށް ކޯޗުން ފޮނުވާފައިވަނީ ޔޫތު މިނިސްޓްރީ އާއި މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ އެހީތެރިކަމާއެކު ސްވިމިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސް އިންނެވެ.
މި ކޯޗުން ތަމްރީނު ކޯސް ފުރިހަމަ ކުރުމަށްފަހު އެނބުރި ރާއްޖެ އައުމަށް ހަމަޖެހިފައިވަނީ މާރޗް މަހުގެ 3 ވަނަ ދުވަހުއެވެ. މިއީ އޭ.އެސް.ސީ.އޭ ގެ ކޮލިފިކޭޝަން ކޯހެއްގައި ރާއްޖޭގެ ފަރާތުން ކޯޗުން ބައިވެރިވާ ފުރަތަމަފަހަރެވެ.
our sponsors and partners