ސަތޭކަ ހަތްދިހަ ދެ ދަރިވަރުންނާއެކު 1 ވަނަ ކިޑްސް ސްވިމިންގ ފެސްޓިވަލް ފަށައިފި

from first day of competition

ސަތޭކަ ހަތްދިހަ ދެ ދަރިވަރުން ބައިވެރިވެފައިވާ، 1 ވަނަ ކިޑްސް ސްވިމިންގ ފެސްޓިވަލް މިއަދު މާލޭގައި ފަށައިފިއެވެ.

ޖުމުލަ 15 ސްކޫލަކުން 81 އަންހެން ދަރިވަރުންނާއި 91 ފިރިހެން ދަރިވަރުން ހިމެނޭ ގޮތުން މިއަދު ފެށި މި ފެސްޓިވަލް މިމަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ކުރިޔަށް ދާނެއެވެ.

ސްވިމިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން އިންތިޒާމުކޮށްގެން ފުރަތަމަ ފަހަރަށް ކިޑްސް ސްވިމިންގ ފެސްޓިވަލެއް ބާއްވާފައި މިވަނީ ފެތުމުގެ ކުޅިވަރުތަކަށް ދަރިވަރުން ޝައުޤުވެރި ކުރުވައި ފަތަން ދަސްކުރުމުގެ ރޫޙް ދަރިވަރުންގެ ކިބައިގައި އިތުރަށް ހަރުލައްވައި، މަތީފެންވަރުގެ ފެތުމުގެ ތަމްރީނުތައް ވީހާވެސް ޅަ ޢުމުރުގައި ދަރިވަރުންނަށް ފަހިކޮށް ދިނުމުގެ ގޮތުންނެވެ. ހަމަ އެއާއެކު 10 އަހަރުން ދަށުގެ ޢުމުފުރާގެ ދަރިވަރުންގެ މެދުގައި އޮންނަ ވާދަވެރިކަމުގެ ރޫޙް ގެ ބަދަލުގައި ވީހާ ގިނަ ދަރިވަރުންނަށް ކުޅިވަރުގައި ބައިވެރިވުމުގެ ފުރުޞަތު އިތުރު ކުރުމުގެ ގޮތުންވެސް މެއެވެ.

ސްކޫލު ކުދިންގެ ފެތުމުގެ މުބާރާތް ފެށުމުގެ ކުރިން ކިޑްސް ސްވިމިންގ ފެސްޓިވަލް ބާއްވަން ހަމަޖައްސައި މިކަމަށް ސްވިމިންގ އެސޯސިއޭޝަނުން މަސައްކަތް ފަށާފައިވަނީ މިއަހަރުގެތެރޭގައެވެ. މިގޮތުން ސްކޫލުތަކަށް މިފުރުޞަތު ހުޅުވާލައި ސްކޫލުތަކުން ދަރިވަރުންނަށް ތަމްރީނި ދިނުމުގެ މަސައްކަތް ދިޔައީ ކުރަމުންނެވެ.

ކިޑްސް ސްވިމިންގ ފެސްޓިވަލްގައި 25 މީޓަރު އަދި 50 މީޓަރުގެ ފްލަޓާކިކް ޖެހުމުގެ ރޭސްތަކާއި 25 މީޓަރުގެ ފްރީ ސްޓައިލް، 25 މީޓަރު ބެކްސްޓްރޯކް، 25 މީޓަރު ބްރެސްޓްސްޓްރޯކް އަދި 25 މީޓަރު ބަޓަފްލައި ގެ ރޭސްތައް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން 4 ގުނަ 25 މީޓަރު ފްރީސްޓައިލް ރިލޭ ރޭހާއި 4 ގުނަ 25 މީޓަރު މިކްސް ރިލޭ ރޭސްތައް ވެސް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.
މިފެސްޓިވަލްގައި ދަރިވަރުން ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލާފައިވަނީ 6 އަހަރުން ދަށާއި 8 އަހަރުން ދަށާއި 10 އަހަރުން ދަށުގެ ޢުމުރުފުރާ ތަކުގައެވެ.

މާލޭގެ އިތުރުން 2016 މޭ 9 ން 10 އަށް އައްޑޫ ސިޓީ ގައިވެސް އައްޑޫ ސިޓީ ކިޑްސް ސްވިމިންގ ފެސްޓިވަލް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

our sponsors and partners

ސަތޭކަ ހަތްދިހަ ދެ ދަރިވަރުންނާއެކު 1 ވަނަ ކިޑްސް ސްވިމިންގ ފެސްޓިވަލް ފަށައިފި