ސްވިމިންގ އެސޯސިއޭޝަންގެ 3 ވަނަ އިންތިޚާބު މޭމަހުގެ 18 ވަނަ ދުވަހު ބާއްވަން ހަމަޖައްސައިފި

ސްވިމިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ 3 ވަނަ އިންތިޚާބު 2016 މޭ 18 ވަނަ ދުވަހު ބާއްވަން ވަނީ ހަމަޖެހިފައެވެ.

މި އިންތިޚާބުގައި މިއެސޯސިއޭޝަންގެ ރައީސް ކަމުގެ މަޤާމަށާއި ނައިބް ރައީސް ކަމުގެ މަޤާމަށާއި ޚަޒާންދާރުގެ މަޤާމަށް މީހުން އިންތިޚާބު ކުރުމުގެ އިތުރުން، އެސޯސިއޭޝަންގެ އެގްޒެކެޓިވް ކޮމިޓީއަށް ޢާއްމު މެމްބަރުންގެ ތެރެއިން އިންތިޚާބުކުރާ 3 މެމްބަރުންނާއި ކުލަބްތަކުން އިންތިޚާބުރާ މެމްބަރަކު އިންތިޚާބު ކުރުން އޮންނާނެއެވެ.

ސްވިމިންގ އެސޯސިއޭޝަންގެ އެގްޒެކެޓިވް ކޮމިޓީއަށް އިންތިޚާބު ކުރެވޭ މެމްބަރުންގެ ތެރެއިން އެސޯސިއޭޝަންގެ މެމްބަރުން ފިޔަވައި އެހެން މީހުންނަށް ވާދަކުރެވޭނީ ރައީސް ކަމުގެ މަޤާމަށާއި ނައިބްރައީސް ކަމުގެ މަޤާމަށާއި ޚަޒާންދާރުގެ މަޤާމަށް އެކަންޏެވެ. މިއިން މަޤާމަކަށް ކުރިމަތިލެވޭނީ އެސޯސިއޭޝަންގެ ދާޢިމީ މެމްބަރެއް މެދުވެރިކޮށް އެ މެމްބަރަކު ހުށަހަޅާ މީހެއްގެ ގޮތުގައެވެ.

ސްވިމިންގ އެސޯސިއޭޝަންގެ އަސާސީ ޤަވާޢިދުގައިވާގޮތުން މި އިންތިޚާބުގައި ވޯޓުލުމުގެ ޙައްޤު ލިބިގެންވާނީ އެސޯސިއޭޝަންގެ މެމްބަރުންގެ ތެރެއިން ފާއިތުވި އަހަރާއި ހިނގަމުންދާ އަހަރު އެސޯސިއޭޝަންގެ ޙަރަކާތެއް ނުވަތަ ޙަރަކާތްތަކެއްގައި ޢަމަލީ ގޮތުން ބައިވެރިވެ އަހަރީފީ ދައްކާފައިވާ މެމްބަރުންނަށެވެ. އަދި އިންތިޚާބު އިޢުލާނު ކުރުމަށްފަހު މެމްބަރެއްގެ ގޮތުގައި ރަޖިސްޓްރީވާ މެމްބަރަކަށް މި އިންތިޚާބުގައި ވޯޓުލުމުގެ ފުރުޞަތު ލިބިގެން ނުދާނެއެވެ.

ސްވިމިންގ އެސޯސިއޭޝަންގެ 3 ވަނަ އިންތިޚާބުގައި ވާދަކުރަން އެދޭ ފަރާތްތަކުން، އިންތިޚާބަށް ކުރިމަތިލާން އެދޭ ފޯމާއި އެފޯމާއެކު ހުށަހަޅަންޖެހޭ ތަކެތި 2016 އޭޕްރީލް 28 ވަނަ ދުވަހުގެ 14:00 ގެ ކުރިން އެސޯސިއޭޝަނަށް ހުށަހަޅަން ވާނެއެވެ.

އިންތިޚާބުގެ ކަންކަން ކުރިޔަށް ގެންދަން 3 މެމްބަރުންގެ ކޮމިޓީއެއް އެކުލަވައިލުމަށް ވަނީ ހަމަޖެހިފައެވެ.

ސްވިމިންގ އެސޯސިއޭޝަންގެ 3 ވަނަ އިންތިޚާބުގެ ޤަވާޢިދު އަދި މަޢުލޫމާތު ފޯމު 2016 އޭޕްރީލް 18 ވަނަ ދުވަހުން ފެށިގެން އެސޯސިއޭޝަނުން ލިބެން ހުންނާނެއެވެ. އަދި އެސޯސިއޭޝަންގެ ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެއެވެ.

އިންތިޚާބާއި ބެހޭ ޤަވާޢިދާއި އެހެނިހެން މަޢުލޫމާތު:: Elections Event’s Page Link

our sponsors and partners

ސްވިމިންގ އެސޯސިއޭޝަންގެ 3 ވަނަ އިންތިޚާބު މޭމަހުގެ 18 ވަނަ ދުވަހު ބާއްވަން ހަމަޖައްސައިފި