އައްޑޫ ސިޓީ ސްކޫލް ކުދިންގެ ފެތުމުގެ 2 ވަނަ މުބާރާތް އަދި ކިޑްސް ސްވިމިންގ ފެސްޓިވަލް ފޯރިއާއެކު ނިންމާލައިފި

2nd Addu City Inter School Swimming Competition 2016

އައްޑޫ ސިޓީގައި ކުރިޔަށް ގެންދިޔަ ސްކޫލު ކުދިންގެ ފެތުމުގެ 2 ވަނަ މުބާރާތް އަދި 1 ވަނަ ކިޑްސް ސްވިމިންގ ފެސްޓިވަލް ވަރަށް ފޯރިއާއެކު ނިންމާލައިފިއެވެ.

ސްވިމިންގ އެސޯސިއޭޝަނުން އިންތިޒާމުކޮށްގެން އައްޑޫ ސިޓީގައި ބޭއްވި 2 ވަނަ ފެތުމުގެ މުބާރާތުގައި 7 ސްކޫލަކުން ފެތުންތެރިން ވާދަކޮށްފައި ވެއެވެ. އެއީ އައްޑޫ ސިޓީގެ 4 ސްކޫލަކުންނާއި މާލެއިން 3 ސްކޫލަކުންނެވެ.

އައްޑޫ ސިޓީގައި ހުނަރުވެރި ފެތުންތެރިން އުފައްދައި ސްކޫލު ތަކުގެ ކުދިންނަށް ފެތުމުގެ ކުޅިވަރުގައި ވާދަކުރުމުގެ ފުރުޞަތު ތަނަވަސްކޮށްދިނުމުގެ ގޮތުން މިމަހުގެ 11 ން 14 އަށް އައްޑު ސިޓީ ގައި ބޭއްވި ފެތުމުގެ މުބާރާތުގައި 220 އަށްވުރެ ގިނަ ދަރިވަރުން އެކި ޢުމުރުފުރާގައި ވާދަކޮށްފައި ވެއެވެ. އެއީ 12 އަހަރުން ދަށާއި 14 އަހަރުން ދަށާއި 16 އަހަރުން ދަށުގައެވެ. އޭގެ އިތުރުން 6 އަހަރުން ދަށާއި 8 އަހަރުންދަށް އަދި 10 އަހަރުން ދަށުގެ ޢުމުރުފުރާގެ ދަރިވަރުންނަށް އަމާޒުކޮށް ބޭއްވި ކިޑްސް ފެސްޓިވަލްގައި އައްޑޫ ސިޓީން ގިނަ ޢަދަދެއްގެ ދަރިވަރުން ބައިވެރިވިއެވެ.

އައްޑޫ ސިޓީގައި ބޭއްވި ފެތުމުގެ މުބާރާތުގައި ވާދަކޮށްފައިވަނީ އައްޑޫ ސިޓީ ހިތަދޫ ސްކޫލާއި ޝަރަފުއްދީން ސްކޫލާއި ނޫރާނީ ސްކޫލާއި ކެންގަރޫ ކިޑްސް ޙުސައިނިއްޔާ ޕްރީ އެންޑް ޕްރައިމަރީ އިންޓަރނޭޝަނަލް ސްކޫލެވެ. މީގެއިތުރުން މި މުބާރާތުގައި މާލެއިން އިސްކަންދަރު ސްކޫލާއި ޖަމާލުއްދީން ސްކޫލާއި ކަލާފާން ސްކޫލުން ދަރިވަރުން ވާދަކޮށްފައި ވެއެވެ.

މުބާރާތުގެ އިވެންޓްތައް ނިންމައި މުބާރާތުގެ އިނާމު ދިނުމުގެ ރަސްމިއްޔާތު ރޭ ހިތަދޫ ބަނދަރު ސަރަޙައްދުގައި ވަނީ ބާއްވާފައެވެ. މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ އައްޑޫ ސިޓީގެ ޑެޕިއުޓީ މޭޔަރާއި ސައުތު ޕޮލިސް ޑިވިޜަން ކޮމާންޑަރެވެ.

އައްޑޫ ސިޓީ ކިޑްސް ސްވިމިންގ ފެސްޓިވަލްގައި 8 އަހަރުން ދަށުގެ އަންހެން އަދި ފިރިހެން 1 ވަނަ ސްކޫލަކަށް ހޮވުނީ އިސްކަންދަރު ސްކޫލެވެ. 10 އަހަރުން ދަށުގެ އަންހެން އަދި ފިހެން 1 ވަނަ ސްކޫލަކަށް ހޮވުނީ ހިތަދޫ ސްކޫލެވެ.

ސްކޫލު ކުދިންގެ މުބާރާތުގައި 12 އަހަރުން ދަށުގެ ފިރިހެން 1 ވަނަ ސްކޫލަކަށް ހޮވުނީ ކަލާފާނު ސްކޫލެވެ. އަންހެން 1 ވަނަ ސްކޫލަކަށް ހޮވުނީ އިސްކަންދަރު ސްކޫލެވެ. 14 އަހަރުން ދަށުގެ އަންހެން 1 ވަނަ ސްކޫލަކަށް ހޮވުނީ ޖަމާލުއްދީން ސްކޫލެވެ. ފިރިހެން 1 ވަނަ ސްކޫލުގެ އިތުރުން 16 އަހަރުން ދަށުގެ ފިރިހެން އަދި އަންހެން 1 ވަނަ ސްކޫލަކަށް ހޮވުނީވެސް އިސްކަންދަރު ސްކޫލެވެ.

our sponsors and partners

އައްޑޫ ސިޓީ ސްކޫލް ކުދިންގެ ފެތުމުގެ 2 ވަނަ މުބާރާތް އަދި ކިޑްސް ސްވިމިންގ ފެސްޓިވަލް ފޯރިއާއެކު ނިންމާލައިފި