News & Announcements

ސްރީލަންކާއަށް ކަނޑައަޅާފައިވާ ދިވެހިރާއްޖޭގެ އެމްބެސެޑަރ ދިވެހި ފެތުންތެރިންނާއި ބައްދަލުކުރައްވައިފި

ambassador with swimming team

ހަންގޭރީގައި ބޭއްވުމަށް ހަމަޖެހިފައިވާ 7 ވަނަ ފީނާ ވޯރލްޑް ޖޫނިއަރ ސްވިމިންގ ޗެމްޕިއަންޝިޕްސް ގައި ދިވެހިރާއްޖެ ތަމްޞީލްކުރާ ދިވެހި ޓީމާއި، ސްރީލަންކާއަށް ކަނޑައަޅާފައިވާ ދިވެހިރާއްޖޭގެ އެމްބެސެޑަރ އުމަރު ޢަބްދުއްރައްޒާޤު ބައްދަލުކުރައްވައި ހިއްވަރުދެއްވައިފިއެވެ. މިބައްދަލުކޮށްލެއްވުން އޮތީ ސްރީލަންކާގައި ހުންނަ ދިވެހި އެމްބަސީގައި މިއަދުއެވެ.

މި ބައްދަލުކޮށްލެއްވުމުގައި ފެތުންތެރިންނަށް މިހާރު ދިމާވެފައިވާ ދަތިތައް އެމްބެސެޑަރ ވަނީ އޮޅުން ފިލުއްވާފައެވެ. މީގެ އިތުރުން ބައިނަލްއަޤްވާމީ މައިދާނުގައި ދިވެހީން ހޯދަމުންދާ ކާމިޔާބީތަކާއި، އުމުރުން ކިތަންމެ ހަޤުކަމުގައި ވިޔަސް، ކޮންމެ ކުއްޖަކަށްވެސް ދިވެހިރާއްޖެ ފަޚުރުވެރިވާފަދަ ކާމިޔާބީތަކާއި ލަނޑުދަނޑިތައް ޙާސިލްކުރެވޭނެ ކަމަށާއި، ބޭނުންވަނީ އެކަމަށް މަސައްކަތް ކުރުން ކަމަށް އެމްބެސެޑަރ ވަނީ ވިދާޅުވެފައެވެ.

މި ބައްދަލުވުމުގައި ބައިވެރިވީ 6 ވަނަ ފީނާ ވޯރލްޑް ޖޫނިއަރ ސްވިމިންގ ޗެމްޕިއަންޝިޕްސް ގައި ދިވެހިރާއްޖެ ތަމްޞީލްކުރާ ފެތުންތެރިން ކަމުގައިވާ ހަމްނާ އަޙްމަދު، ޢަލީ އިމްޢާން އަދި ޙުސައިން ހާއިޝް ޙަސަން އެވެ. މީގެ އިތުރުން، ޤައުމީ ހެޑްކޯޗު، އިބްރާޙީމް މުސާ އަދި އެސޯސިއޭޝަނުގެ ޖެނެރަލް ސެކްރެޓަރީ، މުޙައްމަދު ޝާރިފް ވަނީ ބައިވެރިވެވަޑައިގަނެފައެވެ. އިބްރާޙީމް މޫސާގެ ވާހަކަފުޅުގައި، ސްރީލަންކާގައި ހުންނަވާ ދިވެހިރާއްޖޭގެ އެމްބެސެޑަރ ދިވެހި ފެތުންތެރިންނާއި ބައްދަލުކޮށް ހިތްވަރު ދެއްވިކަމަށްޓަކައި ވަނީ ޝުކުރު ދަންނަވާފައެވެ. އަދި، ސްވިމިންގ ޓީމްގެ ވިސާގެ ކަންކަން ހަމަޖެއްސެވުމުގައި ދިވެހި އެންބަސީއިން ވެދެއްވި އެހީތެރިކަމާއި، ލިބުނު އެއްބާރުލުމަކީ މިހާތަނަށް މިފަދަކަމެއްގައި މީގެކުރިން ނުލިބޭފަދަ އެހީތެރިކަމެއް ކަމުގައި ވަނީ ފާހަގަ ކުރައްވާފައެވެ. އެމްބެސެޑަރ އުމަރު ޢަބްދުއްރައްޒާޤު ދެއްކެވި ވާހަކަފުޅުގައި ދިވެހި އެންބަސީ އަބަދުވެސް މިގޮތުގައި ދިވެހީންނަށް ޚިދުމަތްކޮށްދެއްވުމުގައި ދެމިއޮންނާނެ ކަމަށާއި، އެއީ އެންބަސީއަށާއި، އެންބަސީގެ މުއައްޒަފުންނަށް ލިބޭ ހިތްހަމަޖެހުމެއް ކަމުގައި ވަނީ ވިދާޅުވެފައެވެ.

މިބައްދަލުވުމުގައި ޝާރިފް ވަނީ، ދިވެހި ފެތުންތެރިންނަށް ދިވެހިސަރުކާރުން ދެއްވާ އަޙައްމިއްޔަތުކަމަކީ ޝުކުރު ހައްޤު އަހައްމިއްޔަތުކަމެއް ކަމުގައި ވިދާޅުވެފައެވެ. އަދި ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙްގެ ސަރުކާރުގެ ފަރާތުން ސްވިމިންގ ޕޫލް އެޅުމަށް ބިމެއް ހަމަޖައްސަވައިދެއްވައި، ހުޅުމާލޭގައި އަޅާފައިވާ ޕޫލް ކޮންޕެޓިޓިވް ފެތުމުގެ ޚަރަކާތްތަކަށް ބޭނުންކުރެވޭނެގޮތަށް އިންތިޒާމްތައް ހަމަޖައްސަވައި ދެއްވާފައިވާކަން ވަނީ ފާހަގަ ކުރައްވާފައެވެ. އަދި ދިވެހި އެންބަސީއިން ފޯރުކޮށްދިން އެހީތެރިކަމާއި މިނިސްޓްރ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް، އަޙްމަދު މަޙުލޫފްގެ ފަރާތުން އަދި މުޅިސަރުކާރު ޝާމިލްވާގޮތަށް ސްވިމިންގ ފެމިލީއަށް ލިބެމުންދާ އެހީތެރިކަމާއި އެއްބާރުލުމަކީ ފާހަގަ ކޮށްލައްވަން ޖެހޭ މުހިންމު ކަމެއް ކަމުގައި ވަނީ ދަންނަވާފައެވެ.

7 ވަނަ ފީނާ ވޯރލްޑް ޖޫނިއަރ ސްވިމިންގ ޗެމްޕިއަންޝިޕްސްގައި ބައިވެރިވާ ފެތުންތެރިން ހަންގޭރީއަށް ފުރުމަށް ހަމަޖެހިފައިވަނީ ސީދާ ސްރީލަންކާއިން ނެވެ.


our sponsors and partners

ސްރީލަންކާއަށް ކަނޑައަޅާފައިވާ ދިވެހިރާއްޖޭގެ އެމްބެސެޑަރ ދިވެހި ފެތުންތެރިންނާއި ބައްދަލުކުރައްވައިފި