News & Announcements

ޓޯކިޔޯ އޮލިމްޕިކްސްގައި ދިވެހިރާއްޖެ ތަމްސީލުކުރާ ފެތުންތެރިން ބަދަލުވުމާގުޅޭ

association logo

މިއަހަރު އޮންނަ “ޓޯކިޔޯ އޮލިމްޕިކްސް” ގައި ދިވެހިރާއްޖެ ތަމްސީލުކުރާނެ 2 ފެތުންތެރިން ހޮވައި، 7 މެއި 2021 ވަނަ ދުވަހުގެ ކުރިން ބައިނަލްއަޤުވާމީ ފެތުމުގެ ޖަމިއްޔާ “ފީނާ” އަށް އެންގުމަށް މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ އަށާ ސްވިމިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސް އަށް 14 އޭޕްރީލް 2021 ވަނަދުވަހު ފީނާއިން ވަނީ އަންގާފައެވެ. އަދި މިދެންނެވި 2 ފެތުންތެރިން ހޮވާނީ 1- ޢާއިޝަތު ސާޖިނާ، 2- ޢާއިޝަތު ސައުސަން، 3- މުބާލް ޢައްޒާމް އިބްރާހީމް، 4- ޢަލީ އިއްމާން، މި 4 ފެތުންތެރިންގެ ތެރެއިން ކަމަށްވެސް ވަނީ އަންގާފައެވެ.

މިދެންނެވި އެންގުން ލިބުމާއެކު ސްވިމިންގ އެސޯސިއޭޝަންގެ ހިންގާ ކޮމިޓީގައި މަޝްވަރާކޮށް، ގައިޑްލައިންތަކެއް ކަނޑައަޅައި، އެގައިޑްލައިންތަކާ އެއްގޮތަށް 4 ފެތުންތެރިންގެ މެދުގައި ވާދަވެރި ޓްރައިލެއްޖަހައި، އެންމެ މަތިން ނަތީޖާ ހޯދި 2 ފެތުންތެރިން ކަމުގައިވާ ޢާއިޝަތު ސައުސަން އަދި ޢަލީ އިއްމާން ގެ ނަން މޯލްޑިވްސް އޮލިމްޕިކް ކޮމިޓީއަށާ ފީނާ އަށް ފޮނުވައި ދިވެހިރާއްޖެ ތަމްސީލުކުރަން ޓޯކިޔޯ އޮލިމްޕިކްސް އަށް ދާނެ 2 ފެތުންތެރިންނަކީ މިދެންނެވި 2 ފެތުންތެރިންކަން މޯލްޑިވްސް އޮލިމްޕިކް ކޮމިޓީންނާ ސްވިމިންގ އެސޯސިއޭޝަނުން ވާނީ އިޢުލާނުކޮށްފައެވެ.

އިސްވެ ދެންނެވިގޮތަށް އިޢުލާނުކޮށް، އަދި ފެތުންތެރިން ހޮވުމުގައި ޢަމަލުކުރިގޮތް ސްވިމިންގ އެސޯސިއޭޝަނުން ފީނާ އަށް އަންގާފައިވަނިކޮށް، 25 ޖޫން 2021 ވަނަދުވަހު ފީނާ އިން ވަނީ ޓޯކިޔޯ އޮލިމްޕިކްސް އަށް ކޮލިފައިނުވާ ޤައުމުތަކުގެ ފެތުންތެރިން ނެގުމުގައި ޢަމަލުކުރާނީ ފީނާގެ ބައިލޯޒް ގައި ބުނާފަދައިން ފީނާގެ ރޭންކިން އަށްބަލައި އެންމެ މަތިން ޕޮއިންޓް ހޯދާފައިވާ ފެތުންތެރިންނަށް ފުރުޞަތުދޭގޮތަށްކަމަށް ފީނާގެ މެންބަރު ޤައުމުތަކަށް އަންގާފައެވެ.

މިގޮތަށް އެންގުމާ ގުޅިގެން ސްވިމިންގ އެސޯސިއޭޝަނުން ވަނީ ރާއްޖެއިން ފެތުންތެރިން ނެގުމުގައި ޢަމަލުކޮށްފައިވާނީ، 14 އޭޕްރީލް 2021 ގައި ފީނާއިން އެންގި އެންގުމާ އެއްގޮތަށްކަމަށް އެފަރާތަށް އަންގާފައެވެ. އަދި އޮލިމްޕިކްސް ފަދަ ބޮޑު މުބާރާތެއްގައި ރާއްޖެ ތަމްސީލުކުރާ ފެތުންތެރިން އިޢުލާނުކޮށް، އެފެތުންތެރިން ވާދަކުރާ އިވެންޓްތަކަށް ތަމްރީނު ހަދަމުންދަނިކޮށް ފެތުންތެރިން ބަދަލުވުމަކީ، ފެތުންތެރިންނާ، ކޯޗުންނާ، ޢާއިލާތަކުން އަދި އެސޯސިއޭޝަންގެ ކަންބޮޑުވުން އިންތިހާއަށް އޮތްކަމެއްކަމަށް ފީނާއަށް އަންގާފައިވާނެއެވެ. މިގޮތަށް އަންގާފައިވީނަމަވެސް އޮލިމްޕިކްސް އަށް ކޮލިފައިނުވާ ފެތުންތެރިން ބައިވެރިކުރަން ޤައުމުތަކަށް ފުރުޞަތުދޭނީ ފީނާގެ ބައިލޯޒްގައިވާ ފަދައިން ފީނާގެ ރޭންކިންގ އަށްބަލައިގެންކަމަށާ ކުރިން ވަކިގޮތަކަށް އެންގިފައި އޮތްނަމަވެސް ފީނާގެ ބައިލޯސްގައިވާ ގޮތަށް ފީނާ ރޭންކިންގ އަށް ބަލައި ރާއްޖެ ތަމްސީލުކުރަން ދާނެ ފެތުންތެރިން ފީނާއިން ކަނޑައަޅައި 1 ޖުލައި 2021 ގައި އަންގާނެކަމަށް ސްވިމިންގ އެސޯސިއޭޝަނަށް ވަނީ ފީނާއިން ޖަވާބުދީފައެވެ.

އިސްވެ ބަޔާންކުރި ގޮތަށް ސްވިމިންގ އެސޯސިއޭޝަނަށް ފީނާއިން އަންގައި، 1 ޖުލައި 2021 ވަނަދުވަހު ވަނީ ޓޯކިޔޯ އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލު ކުރާނެ ފެތުންތެރިންނަކީ 1- މުބާލް ޢައްޒާމް އިބްރާހީމް (100 މީޓަރު ފްރީސްޓައިލް އިވެންޓް)، 2- ޢާއިޝަތު ސާޖިނާ (200 މީޓަރު ބްރެސްޓްސްޓްރޯކް އިވެންޓް) ކަމަށާއި ފެތުންތެރިން ޖަހާނެ އިވެންޓްތަކަކީ އެއީކަންވެސް އަންގާފައެވެ. މިދެންނެވި 2 ފެތުންތެރިންނަކީ އޮލިމްޕިކް ސްކޮލަރޝިޕްގެ ދަށުން ރާއްޖެއިން ބޭރުގައި މަތީ ތަޢުލީމާއެކު ތަމްރީނުހެދުމުގެ ފުރުޞަތު އިންޓަރނޭޝަނަލް އޮލިމްޕިކް ކޮމިޓީއިން ފަހިކޮށްދީގެން ރާއްޖެއިން ބޭރުގައި ތަމްރީނު ހަދަމުންދާ 2 ފެތުންތެރިންނެވެ.


our sponsors and partners

ޓޯކިޔޯ އޮލިމްޕިކްސްގައި ދިވެހިރާއްޖެ ތަމްސީލުކުރާ ފެތުންތެރިން ބަދަލުވުމާގުޅޭ