ޤައުމީ ދިގުފެތުމުގެ 14 ވަނަ މުބާރާތުގެ ހޯސްޓިންގ ޕާރޓްނަރ އަކަށް ކުޑަގިރި ޕިކްނިކް އައިލެންޑް

kudagiri picnic island

ސްވިމިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން އިންތިޒާމްކޮށްގެން ބާއްވާ ޤައުމީ، ދިގުފެތުމުގެ 14 ވަނަ މުބާރާތުގެ ހޯސްޓިންގ ޕާރޓްނަރ އަކަށް ކުޑަގިރި ޕިކްނިކް އައިލެންޑް ހަމަޖައްސައިފިއެވެ.

ފެބުރުވަރީ މަހުގެ 25 ވަނަދުވަހު ކުޑަގިރި ޕިކްނިކް އައިލެންޑުގެ ފަޅުތެރޭގައި ބާއްވާ ޤައުމީ، ފެތުމުގެ 14 ވަނަ މުބާރާތުގައި ބައިވެރިވުމުގެ ސުންގަޑި 16 ފެބުރުއަރީ 2023 ބުރާސްފަތި ދުވަހުގެ މެންދުރު 12:00 އަށް ހަމަވާއިރު، މި މުބާރާތުގައި އެކި އުމުރުފުރާތަކަށް ބައިވެރިވެވޭ ގޮތަށް 5 ކިލޯމީޓަރު، 3 ކިލޯމީޓަރު، 1 ކިލޯމީޓަރު އަދި 500 މީޓަރުގެ އިވެންޓްތައް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

ކުޑަގިރި ޕިކްނިކް އައިލެންޑުގައި މިމުބާރާތް އިންތިޒާމްކުރެވި ރޭވެމުންދަނީ އެރަށުގެ މެނޭޖްމަންޓާ ހީވާގި އޮޕަރޭޝަންސް ޓީމުގެ އެހީތެރިކަމާއެކު ވަރަށް ހަރުދަނާ ގޮތެއްގައެވެ. އަދި މިމުބާރާތް ބޭއްވޭނެ ގޮތަށް، ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ ފުރިހަމަ އެއްބާރުލުމަކާ ފުރިހަމަ އިންތިޒާމްތަކުގެ ތެރެއިންވެސް މެއެވެ. މިއާއެކު، މުބާރާތަށް ކުޑަގިރި ޕިކްނިކް އައިލެންޑަށް ޒިޔާރާތްކުރާ ފެތުންތެރިންނާއި، ކޯޗުންނާ، ފެތުންތެރިންގެ އާއިލާތަކުގެ އިތުރުން، ކުޅިބެލުންތެރިންނަށް ގިނަ ޚިދުމަތްތަކެއް ފަސޭހަކަމާއެކު ލިބޭނެ އިންތިޒާމްތައް ހަމަޖެއްސުމަށް ވާންޖެހޭ ތައްޔާރީތައް ކުޑަގިރި ޓީމުންދަނީ ވަމުންނެވެ. މިއިވެންޓް ހިނގާ ދުވަހު ފެތުންތެރިންނަށް ބޭނުންވާނެ އަވަސް ފަރުވާ އަދި ސެކިއުރިޓީގެ ކަންކަންވެސް ކުޑަގިރީގެ މެނޭޖްމަންޓުން އިންތިޒާމުކޮށްދޭން ވަނީ ހަމަޖެހިފައެވެ.

ޤައުމީ ދިގުފެތުމުގެ 14 ވަނަ މުބާރާތް ކުޑަގިރި ޕިކްނިކް އައިލެންޑު ފަޅުތެރޭގައި ބާއްވަން ސްވިމިންގ އެސޯސިއޭޝަނުން ނިންމީ، ކުޑަގިރި ޕިކްނިކް އައިލެންޑަކީ މާލެ ސަރަޙައްދުގައި މިފަދަ އިވެންޓެއް ބޭއްވުމަށް އެންމެ އެކަށޭނަ އެއް ލޮކޭޝަނަށްވުމުގެ އިތުރުން މިއީ ރާއްޖޭގެ އެންމެ ބޮޑު އާބާދީއެއް އޮތް މާލެ އަދި ހުޅުމާލެއިން ކުޑަ ވަގުތުކޮޅެއްގެ ތެރޭގައިވެސް ދެވޭ އަދި މުބާރާތް ބާއްވަން ފަޅުގެ ރައްކާތެރިކަމާ ޖާގަ ތަނަވަސް އަދި ހިތްގައިމު ވިލެއް އޮތް ރަށަކަށް ވާތީއެވެ. ހަމައެހެންމެ އެރަށުގެ މެނޭޖްމަންޓާ ހީވާގި މުވައްޒަފުންގެ އެހީތެރިކަން އެންމެ ފުރިހަމައަށް ލިބުމާ، އެރަށަށް ޒިޔާރަތްކުރާ ފަރާތްތަކަށް ކެއުން ބުއިމާ، ޢާއިލާ އާއެކު ދުޅަހެޔޮ އަދި އުފާވެރި ދުވަހެއް ހޭދަކުރެވޭނެ ގިނަގުނަ ވަޞިލަތްތައް ހުރި ރަށަކަށް ކުޑަގިރި ޕިކްނިކް އައިލެންޑު ވާތީވެސް މެއެވެ.

ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ ބެލުމުގެ ދަށުން ހިންގާ ކުޑަގިރި ޕިކްނިކް އައިލެންޑަކީ މާލެ ސަރަޙައްދުގައި ދިރިއުޅޭ ރައްޔިތުންނަށް ހިތްފަސޭހަ އުފާވެރި މާޙައުލެއްގައި ދަތުރުގޮސް މަޖާކޮށްލުމުގެ ފުރުޞަތު ފަހިކޮށްދިނުމަށް ސަރުކާރުން ހަދައި ދާދިފަހުން ހުޅުވާފައިވާ ރަށެކެވެ.


ޤައުމީ ދިގުފެތުމުގެ 14 ވަނަ މުބާރާތުގެ ހޯސްޓިންގ ޕާރޓްނަރ އަކަށް ކުޑަގިރި ޕިކްނިކް އައިލެންޑް