ފެތުމުގެ ޤައުމީ 47 ވަނަ މުބާރާތުގެ އަންހެން ޗެމްޕިއަންކަން ނިއުލެގޫންސަށް އަދި ފިރިހެން ޗެމްޕިއަންކަން އެމް.އެލް.އޭ އަށް

champion teams

ބީ.އެމް.އެލް ޤައުމީ 47 ވަނަ ފެތުމުގެ މުބާރާތުގެ އަންހެން ޗެމްޕިއަންކަން ނިއުލެގޫން ސްވިމިންގ ކުލަބު އަދި ފިރިހެން ޗެމްޕިއަންކަން މޯލްޑިވްސް ލައިފްގާޑް އެސޯސިއޭޝަން ނުވަތަ އެމް.އެލް.އެ އިން ހޯދައިފިއެވެ.

ހުޅުމާލޭ ސްވިމިންގ ޕޫލުގައި މިމަހުގެ 2 ވަނަ ދުވަހުންފެށިގެން މިމަހުގެ 8 ވަނަދުވަހުގެ ނިޔަލަށް ކުރިޔަށްދިޔަ ފެތުމުގެ ޤައުމީ 47 ވަނަ މުބާރާތުގެ ވަނަތަކަށްދިޔަ ފެތުންތެރިންނަށާ ޓީމުތަކަށް ތަށްޓާ އިނާމު ދިނުން އޮތީ ނޮވެންބަރު 9 ވަނަދުވަހުރޭ ހުޅުމާލޭ ސްވިމިންގ ޕޫލުގައި އޮތް ޚާއްޞަ ރަސްމިއްޔާތުގައެވެ. މިރަސްމިއްޔާތުގައި ފެތުންތެރިންނަށް ތަށްޓާ އިނާމު ދެއްވީ ބޭންކް އޮފް މޯލްޑިވްސްގެ ހެޑް އޮފް ސްޓެރެޓެޖީ އެންޑް ޗޭންޖް މޫސާ މުންސިފް އަޙްމަދު އަދި ބޭންކް އޮފް މޯލްޑިވްސްގެ ހެޑް އޮފް ކަސްޓަމަރ ސާވިސް އަފްޒާ މުޙައްމަދު އެވެ.

ފެތުމުގެ ޤައުމީ 47 ވަނަ މުބާރާތުގެ އަންހެން 2 ވަނަ ޓީމުގެ މަޤާމު ހޯދީ ޔޫތު ޗެލެންޖެ ސްވިމިންގ ކުލަބެވެ. ފިރިހެން 2 ވަނަ ހޯދީވެސް ނިއުލެގޫން ސްވިމިންގ ކުލަބެވެ. މިމުބާރާތުގެ އަންހެން 3 ވަނަ ކުލަބުގެ މަޤާމު ހޯދީ މޯލްޑިވްސް ލައިފްގާޑް އެސޯސިއޭޝަނެވެ. ފިރިހެން 3 ވަނަ ކުލަބުގެ މަޤާމު ހޯދީ ފީނާ ސްވިމިންގ އެކަޑެމީންނެވެ.

ޓީމުތަކުން ފެތުންތެރިން ވާދަކުރާ ބަޔާ ޢާއްމުކޮށް ހުޅުވާލައިގެން ފެތުންތެރިން ވާދަކުރާ ގޮތަށް ކުރިޔަށް ގެންދިޔަ މިއަހަރުގެ ޤައުމީ ފެތުމުގެ މުބާރާތުގައި 181 ފެތުންތެރިން ވާދަކޮށްފައި ވެއެވެ. މީގެއިތުރުން ފިރިހެން 10 ޓީމު އަދި އަންހެން 7 ޓީމު މބާރާތުގައި ވާދަކޮށްފައި ވެއެވެ. މިގެތެރޭގައި މާލެއާއި އަތޮޅުތަކުން ބައިވެރިވި ޓީމުތައް ހިމެނެއެވެ. ފެތުމުގެ ޤައުމީ 47 ވަނަ މުބާރާތުގައި ޖޫނިއަރ ބަޔާ ސީނިއަރ ބަޔާ، މާސްޓާސް ބައިގެ އިތުރުން ޓީމުތަކުގެބައި ހިމެނޭހެން ޖުމުލަ 151 އިވެންޓް ކުރިޔަށް ގެންދެވުނެވެ.

މިއަހަރުގެ ޤައުމީ މުބާރާތް ބޭއްވިގެންދިޔައީ އެހެން އަހަރުތަކާ ޚިލާފަށް މުބާރާތުގައި ބައިވެރިވުމަށް އެކި ކެޓެގަރީތަކުން އެކި އިވެންޓްތަކުން ކޮލިފައިއިންގ ޓައިމިންގއަށް ފެތޭ ފެތުންތެރިންނަށް ބައިވެރިވެވޭގޮތަށް ބޭއްވި މުބާރާތެއްގެ ގޮތުގައެވެ. މިގޮތުން މުބާރާތުގައި ބައިވެރިވާ ކޮންމެ ފެތުންތެރިއަކުވެސް ބައިވެރިވާން ޖެހެނީ އެފެތުންތެރިއަކު ބައިވެރިވާން ބޭނުންވާ އިވެންޓް ނުވަތަ އިވެންޓްތަކުން ކޮލިފައި ވެގެންނެވެ. ކޮލިފައިއިންގ ޓައިމްގެގޮތުގައި މިއަހަރު އެސޯސިއޭޝަނުން ބޭއްވި މުބާރާތްތަކާ ރާއްޖެއިން ބޭރުގައި އޮތް މުބާރާތްތަކުގައި ބައިވެރިވެ ހޯދާފައިވާ ޓައިމިންގ ހިމެނުމުގެ ފުރުޞަތު ދެވުނެވެ. މިގޮތަށް ޓައިމް ނެގިފައި ނެތްނަމަ އެ ފެތުންތެރިއަކަށް ތަމްރީނުދޭ ކޯޗު މެދުވެރިކޮށް މެދުވެރިކޮށް އެފެތުންތެރިން ބޭނުންވާ އިވެންޓުގެ ޓައިމް ނަގައި ހުށަހެޅުމުގެ ފުރުޞަތުވެސް އެސޯސިއޭޝަނުން ދީފައި އޮތެވެ.

މިއަހަރު ފެތުމުގެ ޤައުމީ މުބާރާތް ބޭއްވީ ރާއްޖޭގައި ފުރަތަމަ ފަރަހަށް ބޭނުންކުރަންފެށި އޮޓަމޭޓް ޓައިމް ސިސްޓަމް ބޭނުންކޮށް ފެތުންތެރިންގެ ޓައިމިންގތައް ނެގޭގޮތަށް ބޭނުންކުރެވޭ ސިސްޓަމް ބޭނުންކޮށް ހުޅުމާލޭ ސްވިމިންގ ޕޫލުގައި ޕުޝްޕެޑް ހަރުކޮށްގެންނެވެ.


our sponsors and partners

ފެތުމުގެ ޤައުމީ 47 ވަނަ މުބާރާތުގެ އަންހެން ޗެމްޕިއަންކަން ނިއުލެގޫންސަށް އަދި ފިރިހެން ޗެމްޕިއަންކަން އެމް.އެލް.އޭ އަށް