ޖޫނިއަރ މޮޅު ފެތުންތެރިންނަށް ޝައިމް އާއި ތަޒްކިޔާ އަދި ސީނިއަރ މޮޅު ފެތުންތެރިންނަށް ސައުސަން އަދި ރިހާން

all champions

ބީ.އެމް.އެލް ޤައުމީ 47 ވަނަ ފެތުމުގެ މުބާރާތުގެ ޖޫނިއަރ ބައިން ފިރިހެން އެންމެ މޮޅު ފެތުންތެރިންގެ މަޤާމު ޝައިމް ޙުސައިން އިބްރާހީމް، އަންހެން އެންމެ މޮޅު ފެތުންތެރިޔާގެ މަޤާމު އަމްނާ ތަޒްކިޔާ މިރުޝާދު އަދި ސީނިއަރ ބައިން އެންމެ މޮޅު އަންހެން ފެތުންތެރިޔާގެ މަޤާމު ޢާއިޝަތު ސައުސަން ފިރިހެން އެންމެ މޮޅު ފެތުންތެރިޔާގެ މަޤާމު މުޙައްމަދު ރިހާން ޝިހާމް ހޯދައިފިއެވެ. މީގެއިތުރުން މާސްޓާރސްބައިގެ އެންމެ މޮޅު ފިރިހެން ފެތުންރިޔާގެ މަޤާމު ޙުސައިން މުބާޙް ވަނީ ހޯދާފައެވެ.

މުބާރާތުގެ ޖޫނިއަރ ބައިން 2 ވަނަ އަންހެން ފެތުންތެރިޔާގެ މަޤާމު ހޯދާފައިވަނީ އަޔާނާ ޢަރީފް އެވެ. ޖޫނިއަރަ ބައިން 2 ވަނަ ފިރިހެން ފެތުންތެރިޔާގެ މަޤާމު ހޯދާފައިވަނީ ލޫޠު މުޙައްމަދު ޙުސައިނެވެ. ސީނިއަރ ބައިން 2 ވަނަ އަންހެން ފެތުންތެރިޔާގެ މަޤާމު ހޯދާފައިވަނީ ފާޠިމަތު އަންޖަލް ފަޔާޒް އެވެ. މިބައިން 2 ވަނަ ފިރިހެން ފެތުންތެރިޔާގެ މަޤާމު ހޯދާފައިވަނީ ޢަލީ އިއްމާނެވެ. މާސްޓާރސް ބައިން 2 ވަނަ ފިރިހެން ފެތުންތެރިޔާގެ މަޤާމު ހޯދާފައިވަނީ ޙަސަން އަޝްރަފެވެ. ޖޫނިއަރ ބައިން 3 ވަނަ އަންހެން ފެތުންތެރިޔާގެ މަޤާމު ހޯދާފައިވަނީ ލައިބާ ޙަސަން މަނިކެވެ. މިބައިން 3 ވަނަ އަންހެން ފެތުންތެރިޔާގެ މަޤާމު ހޯދާފައިވަނީ ޔާސީން މުޙައްމަދު ޔޫސުފެވެ. ސީނިއަރ ބައިން 3 ވަނަ އަންހެން ފެތުންތެރިޔާގެ މަޤާމު ހޯދާފައިވަނީ ޢާއިޝަތު އައިނީ ޢަބްދުލް ޙަމީދެވެ. މިބައިން 3 ވަނަ ފިރިހެން ފެތުންތެރިޔާގެ މަޤާމު ހޯދާފައިވަނީ މުޙައްމަދު އާން ޙުސައިނެވެ. މާސްޓާރސް ބައިން ފިރިހެން 3 ވަނަ ހޯދާފައިވަނީ މިންވާލް އިބްރާހީމެވެ.

ހުޅުމާލޭ ސްވިމިންގ ޕޫލުގައި މިމަހުގެ 2 ވަނަ ދުވަހުންފެށިގެން މިމަހުގެ 8 ވަނަދުވަހުގެ ނިޔަލަށް ކުރިޔަށްދިޔަ ފެތުމުގެ ޤައުމީ 47 ވަނަ މުބާރާތުގެ ވަނަތަކަށްދިޔަ ފެތުންތެރިންނަށާ ޓީމުތަކަށް ތަށްޓާ އިނާމު ދިނުން އޮތީ ނޮވެންބަރު 9 ވަނަދުވަހުރޭ ހުޅުމާލޭ ސްވިމިންގ ޕޫލުގައި އޮތް ޚާއްޞަ ރަސްމިއްޔާތުގައެވެ. މިރަސްމިއްޔާތުގައި ފެތުންތެރިންނަށް ތަށްޓާ އިނާމު ދެއްވީ ބޭންކް އޮފް މޯލްޑިވްސްގެ ހެޑް އޮފް ސްޓެރެޓެޖީ އެންޑް ޗޭންޖް މޫސާ މުންސިފް އަޙްމަދު އަދި ބޭންކް އޮފް މޯލްޑިވްސްގެ ހެޑް އޮފް ކަސްޓަމަރ ސާވިސް އަފްޒާ މުޙައްމަދު އެވެ.

ޓީމުތަކުން ފެތުންތެރިން ވާދަކުރާ ބަޔާ ޢާއްމުކޮށް ހުޅުވާލައިގެން ފެތުންތެރިން ވާދަކުރާ ގޮތަށް ކުރިޔަށް ގެންދިޔަ މިއަހަރުގެ ޤައުމީ ފެތުމުގެ މުބާރާތުގައި 181 ފެތުންތެރިން ވާދަކޮށްފައި ވެއެވެ. މީގެއިތުރުން ފިރިހެން 10 ޓީމު އަދި އަންހެން 7 ޓީމު މބާރާތުގައި ވާދަކޮށްފައި ވެއެވެ. މިގެތެރޭގައި މާލެއާއި އަތޮޅުތަކުން ބައިވެރިވި ޓީމުތައް ހިމެނެއެވެ. ފެތުމުގެ ޤައުމީ 47 ވަނަ މުބާރާތުގައި ޖޫނިއަރ ބަޔާ ސީނިއަރ ބަޔާ، މާސްޓާސް ބައިގެ އިތުރުން ޓީމުތަކުގެބައި ހިމެނޭހެން ޖުމުލަ 151 އިވެންޓް ކުރިޔަށް ގެންދެވުނެވެ.

މިއަހަރުގެ ޤައުމީ މުބާރާތް ބޭއްވިގެންދިޔައީ އެހެން އަހަރުތަކާ ޚިލާފަށް މުބާރާތުގައި ބައިވެރިވުމަށް އެކި ކެޓެގަރީތަކުން އެކި އިވެންޓްތަކުން ކޮލިފައިއިންގ ޓައިމިންގއަށް ފެތޭ ފެތުންތެރިންނަށް ބައިވެރިވެވޭގޮތަށް ބޭއްވި މުބާރާތެއްގެ ގޮތުގައެވެ. މިގޮތުން މުބާރާތުގައި ބައިވެރިވާ ކޮންމެ ފެތުންތެރިއަކުވެސް ބައިވެރިވާން ޖެހެނީ އެފެތުންތެރިއަކު ބައިވެރިވާން ބޭނުންވާ އިވެންޓް ނުވަތަ އިވެންޓްތަކުން ކޮލިފައި ވެގެންނެވެ. ކޮލިފައިއިންގ ޓައިމްގެގޮތުގައި މިއަހަރު އެސޯސިއޭޝަނުން ބޭއްވި މުބާރާތްތަކާ ރާއްޖެއިން ބޭރުގައި އޮތް މުބާރާތްތަކުގައި ބައިވެރިވެ ހޯދާފައިވާ ޓައިމިންގ ހިމެނުމުގެ ފުރުޞަތު ދެވުނެވެ. މިގޮތަށް ޓައިމް ނެގިފައި ނެތްނަމަ އެ ފެތުންތެރިއަކަށް ތަމްރީނުދޭ ކޯޗު މެދުވެރިކޮށް މެދުވެރިކޮށް އެފެތުންތެރިން ބޭނުންވާ އިވެންޓުގެ ޓައިމް ނަގައި ހުށަހެޅުމުގެ ފުރުޞަތުވެސް އެސޯސިއޭޝަނުން ދީފައި އޮތެވެ.

މިއަހަރު ފެތުމުގެ ޤައުމީ މުބާރާތް ބޭއްވީ ރާއްޖޭގައި ފުރަތަމަ ފަރަހަށް ބޭނުންކުރަންފެށި އޮޓަމޭޓް ޓައިމް ސިސްޓަމް ބޭނުންކޮށް ފެތުންތެރިންގެ ޓައިމިންގތައް ނެގޭގޮތަށް ބޭނުންކުރެވޭ ސިސްޓަމް ބޭނުންކޮށް ހުޅުމާލޭ ސްވިމިންގ ޕޫލުގައި ޕުޝްޕެޑް ހަރުކޮށްގެންނެވެ.


our sponsors and partners

ޖޫނިއަރ މޮޅު ފެތުންތެރިންނަށް ޝައިމް އާއި ތަޒްކިޔާ އަދި ސީނިއަރ މޮޅު ފެތުންތެރިންނަށް ސައުސަން އަދި ރިހާން