ސަތޭކަ މީޓަރު ބަޓަފްލައި ރޭހުން މެރާލް ރަން މެޑަލް ހޯދައިފި

ސްރީލަންކާގެ ކެންޑީގައި މިހާރު ކުރިޔަށްދާ އެ ޤައުމުގެ ނެޝަނަލް އަދި ނެޝަނަލް ޖޫނިއަރ ޝޯޓްކޯސް މުބާރާތުގައި މިއަދު ރާއްޖޭގެ ކުރިއަރަމުން އަންނަ ފުރާވަރުގެ ފެތުންތެރިޔާ މެރާލް އައިން ލަޠީފު ރަން މެޑަލް ހޯދައިފިއެވެ.

ޝްރީލަންކާގެ ކެންޑީ ހިލްވުޑް ކޮލެޖް ސްވިމިންގ ޕޫލުގައި މިއަދު ކުރިޔަށް ދިޔަ މެރާލް ފަޚުރުވެރި ރަމް މެޑަލް ހޯދީ މެންދުރުކުރީ ދަންފަޅީގައި 100 މީޓަރު ބަޓަފްލައި ރޭހުގައި ވާދަކުރި 14 ފެތުންތެރިންގެ ހީޓުޖަހައި ފައިނަލް ގައި 8 ފެތުންތެރިންނާ ވާދަކޮށް ބޮޑު ތަފާތަކުން 1 ވަނަ ހޯދައިގެންނެވެ. މެރާލް ރޭސް ނިންމާފައިވަނީ 01:13.19  އިންނެވެ. މިއީ 2 ވަނައަށް ރޭސްނިންމި ފެތުންތެރިޔާ އަށްވުރެ 1 ސިކުންތުގެ ތަފާތު ވަގުތެކެވެ.

މިމަހު 26 ން 30 އަށް ކުރިޔަށްދާ މިމުބާރާރުގައި ރާއްޖޭގެ ފެތުންތެރިން ވާދަކުރަނީ ޖޫނިއަރ ނެޝަނަލް ފިރިހެން އަދި ނެޝަނަލް އަންހެން ފިރިހެން ބައިގައެވެ. މި 4 ބައިގައި އެކު ޖުމުލަ ދިވެހި 25 ފެތުންތެރިން މިމުބާރާތުގައި ވާދަކުރެއެވެ.

މިމުބާރާތުގައި މެރާލް މިކާމިޔާބީއާއެކު މުބާރާތުގައި ލަންކާގެ ކޮލެޖްތަކުން އަދި ޓީމުތަކުން ވަނީ ދިވެހި ފެތުންތެރިން މުބާރާތުގައި ހޯދަމުންދާ ކާމިޔާބީ ފާހަގަކޮށްފައެވެ. މެރާލް އަކީ ރާއްޖޭގައި ކުރިއަރަމުން އަންނަ އަދި ޢުމުރުން 14 އަހަރުގެ ފެތުންތެރިއެކެވެ. މިމުބާރާތުގައި ރިލޭ ނުހިމަނައި އިންޑިވިޖުއަލް 5 އިވެންޓުގައި މެރާލް ވާދަކުރާނެއެވެ.

މިމުބާރާތުގައި ރާއްޖެ ހިމެނޭހެން ލަންކާގެ އެކި ކުލަބުތަކާ ކޮލެޖްތަކުން ޖުމުލަ 49 ޓީމު ބައިވެރިވެއެވެ.


our sponsors and partners

ސަތޭކަ މީޓަރު ބަޓަފްލައި ރޭހުން މެރާލް ރަން މެޑަލް ހޯދައިފި