ޖުމުލަ ފަނަރަ މެޑަލް ހޯދައި ދިވެހި ފެތުމުގެ ޓީމު ތާރީޚުގެ ތެރެއަށް

ޝްރީލަންކާގެ ކެންޑީގައި ކުރިޔަށްދިޔަ އެ ޤައުމުގެ ނެޝަނަލް އަދި ނެޝަނަލް ޖޫނިއަރ ފެތުމުގެ މުބާރާތުގައި ބައިވެރިވި ދިވެހި ފެތުމުގެ ޓީމު ޖުމުލަ ފަނަރަ މެޑަލް އާއެކު ބޮޑު ކާމިޔާބީއެއް ހޯދައިފިއެވެ.

މިމަހުގެ 26 ން 30 އަށް ޝްރިލަންކާގެ ކެންޑީގެ ފިނި މާޙައުލުގައި ގަދަ ވިއްސާރައިގެތެރޭގައި ކުރިޔަށްދިޔަ މިމުބާރާތުގައި ދިވެހި ފެތުންތެރިން ވަނީ 1 ރަން މެޑަލް އާއި 6 ރިހި މެޑަލް އަދި 8 ލޯ މެޑަލް ހޯދާފައެވެ. މިގޮތުން ރަން މެޑަލް ހޯދާފައިވަނީ 100 މީޓަރު ބަޓަފްލައި ގައި ވާދަކޮށް މެރާލް އައިން ލަޠީފު އެވެ. ރަން މެޑަލްގެ އިތުރުން މެރާލް ވަނީ 50 މީޓަރު ބަޓަފްލައި ރޭހުން ރިހި މެޑަލް އަދި 100 މީޓަރު ފްރީސްޓައިލް ރޭހުން ލޯ މެޑަލް ހޯދާފައެވެ.

ވަކިވަކި ފެތުންތެރިން ހޯދި ކާމީޔާބީތަކަށް ބަލާއިރު ޖުނިއަރ ފިރިހެން ފެތުންތެރިޔާ ލޫޠު މުހައްމަދު ޙުސައިން 200 މީޑަރު ބްރެސްޓް ސްޓްރޯކު ރޭހުން 3 ވަނަ ހޯދައި ލޯމެޑެލް ހޯދިއެވެ. އަދި ސީނިއަރ ފެތުންތެރިޔާ މުޙައްމަދު ރިހާން ޝިހާމް ވަނީ ލަންކާގެ އެންމެ މޮޅެތި ފެތުންތެރިންނާ ވާދަކޮށް 400 މީޓަރު އިންޑިވިޖުއަލް މެޑްލީން 3 ވަނަ ހޯދައި ލޯ މެޑެލް ހޯދާފައެވެ. މިމުބާރާތުގެ އެންމެ ވާދަވެރި އަދި އެންމެ ކާމިޔާބު އެއް މެޑަލް އެއްގެ ގޮތުގައި ދިވެހި ފެތުންތެރިންނަށް ހޯދުނު އެއް މެޑައްޔަކީ މުބާރާތުގެ 3 ވަނަ ދުވަހު ރާއްޖޭގެ ޝޯޓް ޑިސްޓެންސް އެންމެ ކުޅަދާނަ ފިރިހެން ފެތުންތެރިޔާ މުޙައްމަދު އާން ޙުސައިން 50 މީޓަރު ބަޓަފްލައި އިން ހޯދި ލޯ މެޑައްޔެވެ. 50 މީޓަރު ބަޓަފްލައި އިން އާން 3 ވަނަ ހޯދީ އިވެންޓުގައި ވާދަކުރި 37 ފެތުންތެރިންނާ ވާދަކޮށްގެންނެވެ. މި އިވެންޓުގައި ޖުމުލަ 6 ހީޓް އޮތެވެ. އާން ބަޓަފްލައި ރޭސް ނިންމާފައިވަނީ 00:27.06 ސިކުންތުންނެވެ. މި އިވެންޓުގައި ލަންކާގެ އެންމެ މޮޅެތި ބަޓަފްލައި ޖަހާ ފެތުންތެރިން ވާދަކުރިއެވެ. ލަންކާގެ ފެތުންތެރިންނަކީ ސައުތުއޭޝިޔާ ސަރަޙައްދުގެވެސް އެންމެ މޮޅެތި ފެތުންތެރިންގެ ގޮތުގައި މަޝްހޫރު ފެތުންތެރިންނެވެ.

ޝްރީލަންކާގެ ކެންޑީ ހިލްވުޑް ކޮލެޖް ސްވިމިންގ ޕޫލުގައި ކުރިޔަށް ދިޔަ މިމުބާރާތުގައި ރައްޖޭގެ ރިލޭ ޓީމުތައް ވަނީ ޝްރީލަންކާގެ މޮޅެތި ފެތުންތެރިން ހިމެނޭ ޓީމުތަކާ ވާދަކޮށް އަޖައިބުކުރުވަނިވި ނަތީޖާތައް ހޯދާފައެވެ. މިގޮތުން މުބާރާތުގެ ފުރަތަމަ ދުވަހު ޖޫނިއަރ ފިރިހެން ޓީމު 4 ގުނަ 100 މީޓަރު މެޑްލީ ރިލޭ އިން 04:41.82 އިން ރޭސް ނިންމައި ރިހި މެޑަލް ހޯދިއިރު ހަމައެދުވަހު ލަންކާގެ ޓީމުތައް ފަހަތަށް ޖައްސާލައި ރާއްޖޭގެ ސީނިރަ ފިރިހެން ޓީމު ވަނީ 4 ގުނަ ސަތޭކަ މީޓަރު މެޑްލީ ރިލޭ އިން 04:10.93 އިން ރޭސް ނިންމައި ލޯމެޑަލް ހޯދާފައެވެ.

މުބާރާތުގެ 2 ވަނަ ދުވަހު ރާއްޖޭގެ ޖޫނިއަރ ފިރިހެން ޓީމު 4 ގުނަ 100 މީޓަރު ފްރީސްޓައިލް ރިލޭ ގައި ވާދަކޮށް 04:14.71 އިން ރޭސް ނިންމައި ރިހި މެޑަލި ހޯދުމުގެ އިތުރުން ސީނިއަރ ފިރިހެން ޓީމު ވަނީ 4 ގުނަ 50 މީޓަރު ފްރީސްޓައިލް ރިލޭ ރޭސް 01:41.30 އިން ރޭސް ނިންމައި ލޯ މެޑަލް ހޯދާފައެވެ. މިއީ 2 ވަނަ އަށް ދިޔަ ޓީމަށްވުރެ 29 ސްޕްލިޓް ސިކުންތުގެ ތަފާތު ނަތީޖާއެކެވެ. އަދި މުބާރާތުގެ 3 ވަނަދުވަހު ދިވެހި ސީނިއަރ ފިރިހެން ޓީމު ވަނީ 4 ގުނަ 200 މީޓަރު ފްރީސްޓައިލް ރިލޭގައި ވާދަކޮށް 08:25.80 ން 3 ވަނަ އަށް ރޭސް ނިންމައި ލޯ މެޑަލް ހޯދާފައެވެ. މިއީ ރޭހުން 2 ވަނަ ހޯދި ޓީމަށްވުރެ 28 ސްޕްލިޓް ސިކުންތުގެ ތަފާތު ވަގުތެކެވެ.

މުބާރާތުގެ 4 ވަނަ ދުވަހު ރާއްޖޭގެ ޖޫނިއަރ ފިރިހެން ޓީމު 4 ގުނަ 50 މީޓަރު މެޑްލީ ރިލޭ ގައި ވާދަކޮށް 02:06.11 އިން ރޭސް ނިންމައި ރިހި މެޑަލި ހޯދުމުގެ އިތުރުން ސީނިއަރ ފިރިހެން ޓީމު ވަނީ 4 ގުނަ 50 މީޓަރު މެޑްލީ ރިލޭ ރޭސް 01:52.79 އިން 2 ވަނައަށް ރޭސް ނިންމައި ރިހި މެޑަލް ހޯދާފައެވެ. މިއީ 2 ވަނަ އަށް ދިޔަ ޓީމަށްވުރެ 07 ސިކުންތުގެ ތަފާތު ނަތީޖާއެކެވެ. އަދި މިއީ ޝްރީލަންކާގެ އެންމެ މޮޅެތި ފެތުންތެރިން ހިމެނޭ ޓީމުތަކަށް ހައިރާންކަން ގެނުވައިދިން ނަތީޖާއެކެވެ. ތާރީޚީ މި ނަތީޖާއާއެކު ދިވެހި ފިރިހެން ފެތުންތެރިން ވަނީ ދިވެހި ފެތުންތެރިން ކުރިއަރަމުން އަންނަ ހަލިވި މިން ސާބިތު ކޮށްދީފައެވެ.

މުބާރާތުގެ އެންމެ ފަހު ދުވަހަކީ އިއްޔެ އެވެ. އިއްޔެ ރާއްޖޭގެ ޖުނިއަރ އަންހެން ޓީމު ވަނީ 4 ގުނަ 50 މީޓަރު ފްރީސްޓައިލް ރިލޭ 02:08.75 ން 2 ވަނައަށް ރޭސް ނިންމައި ރިހި މެޑަލް ހޯދާފައެވެ. މިއީ 1 ވަނަ އަށް ރޭސް ނިންމި ޓީމަށްވުރެ 2 ސިކުންތު ތަފާތު ވަގުތެކެވެ. މިއާއެކު ރާއްޖޭގެ ސީނިއަރ ފިރިހެން ޓީމު 4 ގުނަ 100 މީޓަރު ފްރީސްޓައިލް ރިލޭ 03:43.32 ން 3 ވަނައަށް ރޭސް ނިންމައި ލޯ މެޑަލި ހޯދީ ހިލްވުޑް ކޮލެޖް ސްވިމިންގ ކޮމްޕްލެކްސްގައި ތިބި އެތައްބަޔަކު ހައިރާންކޮށްލާފަދަ ގޮތަކަށް ފަހަތުން އަރައި ކަމިޔާބު ހޯދައިގެންނެވެ. އަދި ސީނިއަރ ފިރިހެން ޓީމުވަނީ މުބާރާތުގައި ވާދަކުރި 2 ވަނަ ޓީމުގެ ގޮތުގައި ހޮވިގެން ގޮސްފައެވެ. މިއީ މިހާތަނަށް ދިވެހި ފެތުންތެރިން ހޯދި އެންމެ ބޮޑު ކާމިޔާބީއެވެ.

މިމަހު 26 ން 30 އަށް ކުރިޔަށްދާ މިމުބާރާރުގައި ރާއްޖޭގެ ފެތުންތެރިން ވާދަކުރަނީ ޖޫނިއަރ ނެޝަނަލް ފިރިހެން އަދި ނެޝަނަލް އަންހެން ފިރިހެން ބައިގައެވެ. މި 4 ބައިގައި އެކު ޖުމުލަ ދިވެހި 25 ފެތުންތެރިން މިމުބާރާތުގައި ވާދަކުރެއެވެ. މިމުބާރާތް ކުރިޔަށްދާ ކެންޑީއަށް މިދުވަސްކޮޅު މޫސުން ގޯސްވެފައިވާތީ މުބާރާތުގެ އިވެންޓުތައް ކުރިޔަށްދިޔައީ ގަދަ ވާރޭއާއި ގަދަ ފިނީގައި އޯޕަން އެއަރ ޕޫލެއްގައެވެ.

މިމުބާރާތުގައި ރާއްޖެ ހިމެނޭހެން ލަންކާގެ އެކި ކުލަބުތަކާ ކޮލެޖްތަކުން ޖުމުލަ 49 ޓީމު ބައިވެރިވެއެވެ.


our sponsors and partners

ޖުމުލަ ފަނަރަ މެޑަލް ހޯދައި ދިވެހި ފެތުމުގެ ޓީމު ތާރީޚުގެ ތެރެއަށް