4 ގުނަ 100 މީޓަރު މިޑްލޭ ރިލޭގެ ޤައުމީ ރެކޯރޑް ދިވެހި ފެތުންތެރިން އާކޮށްފިއެވެ. ދިވެހި ފިރިހެން ޓީމް މި ރިކޯރޑް އާކޮށްފައިވަނީ ރީޔޫނިއަންގައި މިހާރު ކުރިއަށްދާ 9 ވަނަ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް ގައި 4 ގުނަ 100 މީޓަރ މިޑްލޭ ރިލޭ 04:55.06 އިން ފުރިހަމަ ކޮށްގެންނެވެ.
މިރިކޯރޑް އާކުރި ޓީމްގައި ހިމެނެނީ، މުޙައްމަދު ނައްވާރު، ޙަސަން އަޝްރަފް، އިސްމާޢިލް މުޢުތަސިމް އަދުނާން އަދި މުޙައްމަދު ނަޒްރާން ނަޒީރެވެ. މިޓީމްގެ ރިޒާވަރުންގެ ގޮތުގައި ތިބީ މުބާލް އައްޒާމް އިބްރާޙިމް އަދި މުޙައްމަދު ޒަޔާން ސަނީފެވެ.
4 ގުނަ 100 މީޓަރ މިޑްލޭ ރިލޭގެ ރިކޯރޑް އެންމެފަހުން އާކޮށްފައިވަނީ 2006 ވަނަ އަހަރު ސްރީލަންކާގައި ބޭއްވި 10 ވަނަ ސާފްގޭމްސްގައެވެ. އެފަހަރު ރާއްޖޭގެ ފެތުންތެރިން މި އިވެންޓް ފުރިހަމަކޮށްފައިވަނީ 05:00.12 އިންނެވެ.
9 ވަނަ އިންޑިއަން އޯޝަން އައިލަންޑް ގޭމްސްގައި ރާއްޖެއިންވަނީ ޤައުމީ 3 ރިކޯރޑެއް އާކޮށްފައެވެ. އެއީ، 400 މީޓަރ އަދި 1500 މީޓަރ ފިރިހެން ފްރީސްޓައިލް އިވެންޓް އަދި 4 ގުނަ 100 މީޓަރ ފިރިހެން މިޑްލޭ ރިލޭ އިވެންޓުންނެވެ.
National Swimming Squads Sponsored by: